އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މި ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ހާމަކުރިގޮތުގައި، ސެގްމެންޓް 1 ގައި އޭބީސީ އެޅުމުގެ މަސައްކަތާއި ޕްރައިމް ކޯޓު ސްޕްރޭކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ.
ނިމިދިޔަ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ޒަމާނީ ފެންވަރަށް ތަރައްގީކުރި އަމީނީ މަގުގެ ބައެއް ސަރަހައްދުތައް، ހާއްސަކޮށް މާފަންނު ފުޑްކޯޓު ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެ، ބޮޑެތި އަޑިގުޑަންތައް ހެދުމާ ގުޅިގެން އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން މި މަގު އަލުން މަރާމާތުކޮށް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އަލުން ތަރައްގީކުރަމުންދާއިރު، ސެގްމެންޓް 1 ގެ ގޮތުގައި މަރާމާތުކުރަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮންނަ ބައެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ތެރެއިން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

