ޗައިނާއާއެކު ގާއިމުކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، އެ ގައުމުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ މިންވަރު އިތުރުވެ، ރާއްޖޭގެ މުޅި އިމްޕޯޓުގައި ޗައިނާގެ ހިއްސާ 15 އިންސައްތައަށް މަތިވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިގުތިސާދީ ހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2024 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 485.8 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ ޖަނަވަރީގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު އެ އަހަރުގެ އިމްޕޯޓު ވަނީ 9.6 އިންސައްތައިގެ ކުރިއެރުމަކާއެކު 532.2 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2020 ވަނަ އަހަރު އެތެރެކުރި 267.6 މިލިއަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 98.9 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މީގެއިތުރުން 2022 އާއި 2023 ގައި ރާއްޖޭގެ އިމްޕޯޓުގައި ޗައިނާގެ ހިއްސާއަކީ 11 އިންސައްތަ ކަމުގައިވީ ނަމަވެސް، 2025 ވަނަ އަހަރު އެ ނިސްބަތް ވަނީ 14.7 އިންސައްތައަށް އުފުލިފައެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗައިނާއިން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އެއްބަސްވުމަށް އަމަލުކުރަން ފެށި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު (67.9 މިލިއަން ޑޮލަރު) އާއި 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު (62.3 މިލިއަން ޑޮލަރު) އެވެ. އަދި 2026 ވަނަ އަހަރުގެ ޖަނަވަރީން ޖުލައި މަހުގެ ނިޔަލަށް 381.9 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މިއީ 2025 ގެ އެ މުއްދަތުގައި އެތެރެކުރި 297.4 މިލިއަން ޑޮލަރާ އަޅާބަލާއިރު 28.4 އިންސައްތައިގެ އިތުރުވުމެއްކަމުން، މި އަހަރުގެ މުޅި އިމްޕޯޓު ނިމުނު އަހަރަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
2017 ގައި ސޮއިކުރި މި އެއްބަސްވުމަށް އަމަލުނުކުރުމަށް 2018 ގެ އެމްޑީޕީ ސަރުކާރުން ނިންމި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން 2025 ގައި އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން، ޗައިނާ މުދާ ހެޔޮ އަގުގައި ރާއްޖެއަށް އެތެރެކުރުމުގެ އިތުރުން ރާއްޖޭގެ އުފެއްދުންތައް ޓެރިފަކާ ނުލައި ޗައިނާއަށް އެކްސްޕޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

