ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގދ. ތިނަދޫ ކޭމްޕަސް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން އިމާރާތްކުރާ އެކްސްޓެންޝަން ބްލޮކްގެ ފިނިޝިންގ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.
މި މަޝްރޫޢުގެ ސައިޓުގައި މިހާރު އެންމެ ހިންގާލެވިގެން ކުރިއަށްދަނީ އިމާރާތުގައި ރާނައި ސިމެންތި ޖެހުމުގެ މަސައްކަތްތަކުގެ އިތުރުން، މެކޭނިކަލް، އިލެކްޓްރިކަލް އަދި ޕްލަމްބިންގ (އެމްއީޕީ) އިންޖީނިއަރިންގގެ މުހިންމު މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކޭމްޕަސްގެ ޖާގަ ބޮޑުކޮށް، ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ތިން ފޭހަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތިން ބުރީގެ އެކެޑެމިކް އިމާރާތެއްގެ އިތުރުން، ދަރިވަރުންނާއި މުވައްޒަފުންނަށް ޚާއްޞަ ދެ ބުރީގެ އެކޮމޮޑޭޝަން ބްލޮކްތަކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ ތެރޭގައި ދަރިވަރުންނަށް ޚާއްޞަ 31 ކޮޓަރިއާއި ލޯންޑްރީގެ ވަސީލަތްތަކުގެ އިތުރުން، މުވައްޒަފުންނަށް 7 ކޮޓަރިއާއި ކެފޭއެއް ހިމެނެއެވެ.
މި މުހިންމު ތަރައްޤީގެ މަޝްރޫޢު ހަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢަކީ ތިނަދޫގެ އިތުރުން ހުވަދޫ އަތޮޅުގެ އެހެން ރަށްރަށުގެ ދަރިވަރުންނަށް މަތީ ތަޢުލީމު ހޯދުމަށް މަގުފަހިވެ، ސަރަހައްދީ ތައުލީމީ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އިމާރާތުގެ މަސައްކަތްތައް ނިމި ބޭނުންކުރަން ފެށުމުން، ކޭމްޕަސްގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް އުފާވެރި އަދި ފުރިހަމަ މާހައުލެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

