ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ހުންނަ މިސްކިތަކަށް ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޚައިބަރ ޕަޚްތޫންޚްވާ ޕްރޮވިންސްގެ ކޮހާތު ސަރަޙައްދުގައި ހުންނަ ފުލުހުންގެ މައި މަރުކަޒުގެ މިސްކިތުގައެވެ. ޕެޝާވަރުގެ ހުޅަނގުދެކުނުން 60 ކިލޯމީޓަރު ދުރުގައި އޮންނަ މި މިސްކިތަށް ޙަމަލާދީފައިވަނީ ހުކުރު ނަމާދަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައި ވަނިކޮށެވެ.
މި ހަމަލާ ދީފައިވަނީ މިއަދު ހުކުރު ނަމާދަށް މީހުން މިސްކިތަށް ޖަމާވަމުން ދިޔަ ވަގުތު ގޮވާތަކެތި އަޅާފައިވާ ކާރެއް މިސްކިތުގެ މައި ދޮރޯށްޓަށް ގޮއްވާލައިގެންނެވެ.
ޑީޕީއޭ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދެއްވަމުން ޑރ. ތާހިރު ޝާހް ވިދާޅުވީ، ހަމަލާގައި މަރުވި 15 މީހެއްގެ ހަށިގަނޑާއި 50 އަށް ވުރެ ގިނަ ޒަޚަމްވި މީހުން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި މީހުން ހިމެނޭތީ، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ މަރުކަޒާ ކައިރީގައި ހުރި މިސްކިތަކަށް ވުމުން، މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ހިމެނެއެވެ. ފުލުހުން ބުނާގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. މި ގޮވުމުގެ ސަބަބުން މިސްކިތުގެ ބޭރުގައި ބޮޑު ވަޅުގަނޑެއް ހެދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ބޮން ގޮވުމުގެ ބާރުގަދަކަމުން މިސްކިތުގެ ފާރުތައް ތަޅައިގެންގޮސް، މިސްކިތުގެ ފުރާޅުވަނީ އެއްކޮށް ނަމާދުކުރަން ތިބި މީހުންގެ މައްޗަށް ވެއްޓިފައެވެ.
ރެސްކިއު 1122 ގެ ޓީމުތަކާއި ޢާންމު ރައްޔިތުން ގުޅިގެން ދަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ކޯހާޓް ހޮސްޕިޓަލުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
މިހާތަނަށް އެއްވެސް ޖަމާޢަތަކުން މި ޙަމަލާގެ ޒިންމާ ނަގާފައިނުވި ނަމަވެސް، ފުލުހުންނަށް އަމާޒުކޮށް ޚައިބަރު ޕަޚްތުންޚުވާގައި ދޭ މިފަދަ ޙަމަލާތަކަކީ ތަޙްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ފަދަ ހަނގުރާމަވެރި ޖަމާޢަތްތަކުން އާންމުކޮށް ހިންގާ ބާވަތުގެ ޙަމަލާތަކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

