ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ނުވަތަ 73.5 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދާހަމަ މައުލޫމާތުތައް މިއަދު އެ ވުޒާރާއިން ވަނީ އާންމުކޮށްފައެވެ. އާންމުކޮށްފައިވަ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1،073،589 ފަތުރުވެރިންނެވެ. ރާއްޖޭގެ 19 އަތޮޅެއްގައި 179 ރިސޯޓު ހިންގަމުންދާއިރު، މި ރިސޯޓުތަކުގައި ޖުމްލަ 45،141 އެނދު ހުރިކަމަށް ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރިސޯޓުތަކުގެ އިތުރުން ދެން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެގޮތުން 22.1 އިންސައްތަ ފަތުރުވެރިން (322،944 ފަތުރުވެރިން) ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި 112 ގެސްޓްހައުސް ހިންގަމުންދާކަމަށާއި މި ތަންތަނުގައި 16،444 އެނދު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން، ޓޫރިސްޓް ހޮޓާތަކުގައި 2.3 އިންސައްތަ އަދި ޓޫރިސްޓް އުޅަނދުތަކުގައި 1.9 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، އެހެނިހެން ތަންތަނުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ ނިސްބަތަކީ 0.2 އިންސައްތައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ޤައުމުތަކަށް ބަލާއިރު، މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އަދި ލިސްޓުގެ ދެން ތބި ޤައުމުތަކުގެ ތެރޭގައި ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަނު، އިންޑިގ، ފްރާންސް، އެމެރިކާ، އޮސްޓްރޭލިއާ އަދި ސްޕެއިން ހިމެނެއެވެ. ޚާއްޞަކޮށް ސެޕްޓެމްބަރު މަހުގެ ފުރަތަމަ 8 ދުވަހަށް އެކަނި ބަލާއިރުވެސް 36،962 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ސަރަހައްދީ ނުތަނަވަސްކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އަންނަނީ ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

