ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް 34,142 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 28,491 ފަތުރުވެރިންނާ އަޅާބަލާއިރު 19 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު އޮސްޓްރޭލިއާ ވެފައިވަނީ ރާއްޖެއަށް ނުވަވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަށެވެ. އެގޮތުން އެ ގައުމުން ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ 2.3 އިންސައްތަ ހިއްސާކުރެއެވެ.
މިއަހަރުގެ ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން އައީ 17,737 ފަތުރުވެރިން ކަމަށްވާއިރު، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1,484,097 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އޮސްޓްރޭލިއާއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މުހިންމު މާކެޓެކެވެ.
އޮސްޓްރޭލިއާ މާކެޓު ފުޅާވަމުންދާތީ، ގައުމީ އެއާލައިން މޯލްޑިވިއަނުން ވަނީ މިއަހަރުގެ މޭ 18 ގައި މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައެވެ. އަދި މި ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އަންނަ އަހަރުން ފެށިގެން އޭ330 މަތިންދާބޯޓުގައި ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރެއް ކުރުމަށް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

