ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ 154 މަރުކަޒު ގާއިމުކުރުމުގެ ބޮޑު މަޝްރޫއަކީ އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރެއްވުމުގެ ގޮތުން ފައްޓަވާފައިވާ ޕްރޮގްރާމުގެ ތެރެއިން މިއަދު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި، އެ ސްޓޭޝަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ނޮދަރން ޕޮލިސް ކޮމާންޑަރާއި، އަތޮޅު ކޮމާންޑަރުގެ އިތުރުން ކާށިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ހާއްސަ ހުނަރުތަކެއް ބޭނުންވާ ތަފާތު ޕްރޮފެޝަނެއް ކަމަށްވާއިރު، ވޭތުވެދިޔަ 30 އަހަރު ދުވަހު ކައުންސިލް އިދާރާތަކާއި، އަތޮޅުގޭގެ އިތުރުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ހިފައިގެން މަރުކަޒުތައް ހިންގަން ޖެހިފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަކީ މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެގޮތުން، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ސަރުކާރުން އިސްނަންގަވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ފައްޓަވާފައިވާ 154 ޕޮލިސް ސްޓޭޝަން އެޅުމުގެ ބޮޑު މަޝްރޫއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނަރ ވަނީ ޝުކުރު އަދާކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ކާށިދޫގައިވެސް ލެވެލް 2 ގެ ދެބުރި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ކަނޑައެޅި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، އިމާރާތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ކޮންޓްރެކްޓަރުންނާ ވަކިވަކިން ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން މި ކާށިދޫގަ އަޅަން ނިންމާފަވާ ޕޮލިސް ސްޓޭޝަން ނިމިގެންދާނެ ދުވަހަކަށް. އެއީ ހަގީގަތުގަ އަތޮޅުތެރޭގަ ފުލުހުންގެ މަސައްކަތްތައް އިތުރު ގިއަރަކަށް ގެންދެވޭނެ ވަރަށް ބޮޑު ހިތްވަރެއް،" ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންގެ އަސާސީ މަސްއޫލިއްޔަތުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވަނީ، ޖިނާއީ ތަހުގީގުތަކާއި އޮޕަރޭޝަނަލް މަސައްކަތްތަކަށް އިސްކަންދިނުމުގެ ސިޔާސަތެއް މުއައްސަސާގެ ތެރޭގައި ގާއިމުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.
މީގެއިތުރުން ތަހުގީގު މަސައްކަތްތަކާ ދުރުހެލިވާން ބައެއް މުވައްޒަފުން މަސައްކަތްކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، މުއައްސަސާއިން އިންވެސްޓިގޭޓިންގ އޮފިސަރުންނަށާއި އޮޕަރޭޝަންސްގައި ސީދާ ހަރަކާތްތެރިވާ ފުލުހުންނަށް އިސްކަންދީ އެމަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކާށިދޫގެ ކުށުގެ ހާލަތަށް ބައްލަވަމުން ކޮމިޝަނަރ ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެ ރަށުގައި ތަހުގީގުކުރެވުނު މައްސަލަތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެގޮތުން، އެ މުއްދަތުގައި ހުށަހެޅުނު 21 މައްސަލައިގެ ތެރެއިން 9 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަތީ، އެއީ އިންވެސްޓިގޭޓިންގ އޮފިސަރުންގެ ހުނަރާއި ޝައުގުވެރިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ކާށިދޫއަކީ ބިންބޮޑު، ވާބޯ ރަށަކަށް ވާތީ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ފަޅު ސަރަހައްދުތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު އޮތުމުން، މުޅި ރަށް މޮނިޓަރކޮށް ބެލެހެއްޓުމަށް ހާއްސަ ފޯކަސްއެއް ބެހެއްޓުމަށް ކޮމިޝަނަރ އިރުޝާދު ދެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ އަހުލާގާއި ޑިސިޕްލިން އަދި ޔުނިފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށާއި، ރަށުތެރޭގައި ހިދުމަތް ދިނުމުގައި އަމިއްލަ އިސްނެގުމާއެކު ޒިންމާދާރުކަން ކުރިއަށް ނެރުމަށް ހުރިހާ މުވައްޒަފުންނަށް ކޮމިޝަނަރ ވަނީ ގޮވާލައްވާފައެވެ. އަދި ކާށިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދައްކަމުންދާ ނަމޫނާ މަސައްކަތަށް އެ ސްޓޭޝަނުގެ އިންޗާޖަށާއި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކޮށްފައިވެއެވެ.
ރާއްޖޭގެ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ދަށުން މި ދަތުރުފުޅާއެކު މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ސްޓޭޝަންތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

