އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ތައުރީފުކޮށް 'ފޯބްސް' މަޖައްލާގެ ޖޯޖިއާ އެޑިޝަންގައި ވިޔަފާރި އުސޫލުން ޝާއިއުކުރި ލިޔުން އެ ނޫހުން ނަގައިފިއެވެ.
'ދަ ރެއިސް، ފޯލް، އެންޑް ރީއިންވެންޝަން އޮފް އަހުމަދު އަދީބު'ގެ ނަމުގައި މިދިޔަ ޖޫން މަހު ނެރުނު މި ލިޔުމުގައި އަދީބުގެ ސިޔާސީ ހަޔާތާއި، 'ފިނިފެންމާ' ލޯންޗުކޮޅުގެ ހާދިސާއަށްފަހު ހިޔާނާތުގެ މައްސަލަ ފެންމަތިވި ގޮތުގެ އިތުރުން، އަލުން އާ ފެށުމަކުން ދިރިއުޅުން ފެށި ގޮތުގެ ވާހަކަތައް ހިމަނާފައިވެއެވެ.
ފޯބްސްއިން ބުނެފައިވާ ގޮތުގައި އެ ލިޔުން ވެބްސައިޓުން ނެގީ، މައުލޫމާތު ހޯދާފައިވާ ގޮތާ މެދު ސުވާލުތަކާއި ކަންބޮޑުވުންތައް އުފެދިގެން އެ މައްސަލަ ރިވިއުކުރަމުންދާތީއެވެ. އަދި އެ ލިޔުމަކީ ފޯބްސްގެ އެޑިޓޯރިއަލް އާއި ކޮމާޝަލް ކޮންޓެންޓް މިންގަނޑުތަކަށް ފެތޭ ލިޔުމެއްތޯ ދަނީ ކަށަވަރުކުރަމުންނެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އިއްވި 20 އަހަރުގެ ޖަލު ހުކުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދީބަށް މައާފު ދެއްވުމާ ގުޅިގެން، އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

